Wednesday, May 27, 2015

ބާދިރީ

ބާދިރީ
ބާދިރީ އަކީ ގޮވާމުގެ ބާވަތެކެވެ. މިއީ އޮނުފަތްހެން ހިމަދިގުކޮށް ފަތްހުންނަ، ގަހެއްގައި ނިކުންނަ ދިގުކުރާގަނޑެއްގައި އަޅާ އޮށްޓަރެކެވެ. މީގެ ކުލައަކީ ގަދަ މުށި ކުލައެވެ. މިގަސް ހެދެނީ ގާތްގަނޑަކަށް 5-4 ފޫޓަށެވެ. މިއީ ކުދިބަތް ހުންނަ ފާޑަށް ހުންނަ، އެއަށްވުރެ ބޮޑެތިކޮށް ހުންނަ ގޮވާމެކެވެ.
ދިވެހި ނަން : ބާދިރީ
އިގިރޭސި ނަން : Pearl Millet
ޢިލްމީ ނަން : Pennisetum glaucum
ބާދިރީގެ ކޮންމެ 200 ގުރާމުގައި (އެއްޖޯޑުގައި)
ހަކަތަ
756 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
146 ގްރާމް
ޕްރޮޓީން
22 ގްރާމް
ފެޓް
8.4 ގްރާމް
ފައިބަރު
17 ގްރާމް
ނިއެސިން
9.4 މިލިގްރާމް
ރައިބޯފްލޭވިން
580 މައިކްރޯގްރާމް
ތިއެމިން
842 މައިކްރޯގްރާމް
ޕެންތޯނިކް އެސިޑް
1.7 މިލިގްރާމް
ޕައިރިޑޮކްސިން
768 މައިކްރޯގްރާމް
ފޮލިކް އެސިޑް
170 މައިކްރޯގްރާމް
ވިޓަމިން ކޭ
1.8 މައިކްރޯގްރާމް
ވިޓަމިން އީ
100 މައިކްރޯގްރާމް
ސޯޑިއަމް
10 މިލިގްރާމް
ޕޮޓޭސިއަމް
390 މިލިގްރާމް
ކެލްސިއަމް
16 މިލިގްރާމް
ދަގަނޑު
6 މިލިގްރާމް
މެގްނީޒިއަމް
228 މިލިގްރާމް
ފޮސްފަރަސް
570 މިލިގްރާމް
ޒިންކު
3.4 މިލިގްރާމް
ކޮޕަރ
1.5 މިލިގްރާމް
މެންގަނީޒް
3.3 މިލިގްރާމް
ސިލެނިއަމް
5.4 މައިކްރޯގްރާމް

ބާދިރީ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ބަނޑުގައި ހެދޭ ފާރަށް ފަރުވާކުރުން : ބާދިރީ އަކީ ބަނޑުގައި އުފެދޭ ފާރު ފަސޭހަކުރުމަށް ބޭނުން ކުރެވިދާނެ ބާވަތެކެވެ. ބަނޑުގައި ފާރު އުފެދެން ދިމާވާ އެންމެ އާންމު ސަބަބަކީ ކެއުމަށްފަހު އާދަޔާ ޚިލާފަށް ބަނޑުގައި ގޭސް އުފެދުން އިތުރުވުމެވެ. ބާދިރީ ބޭނުންކުރުމުން ބަނޑު އެތެރޭގެ ތަބީޢަތު "އަލްކަލައިން" އަށް ބަދަލުކުރެއެވެ. މިގޮތަށްވުމުން ގޭހުގެ މިންވަރު މަދުވެ، ބަނޑުގައި ފާރު އުފެދުމުގެ ފުރުޞަތު ދަށްވެ، ފާރު އުފެދުނަސް އޭގެ އަސަރު ކުޑަކުރާގޮތް ވެއެވެ. 

ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ބާދިރީ ފާޑުގެ ގޮވާމުގެ ބާވަތްތަކުގައި ހުންނަ ގަސްގަހާގެހީގައި ހުންނަ ލިގްނަން ހަށިގަނޑުގައި ޖަނަވާރުގައި ހުންނަ ލިގްނަން އަށް ބަދަލުވެއެވެ. މިގޮތަށް ލިގްނަން ބަދަލުކުރުވަނީ ގޮހޮރުގައި ހުންނަ ހަށިގަނޑަށް ފައިދާހުރި ބެކްޓީރިޔާތަކުންނެވެ. ލިގްނަން އަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ބާދިރީގައި ހުންނަ ފައިޓޯނިއުޓްރިއެންޓް ތަކުގެ ސަބަބުން ވެސް ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ބާދިރީގައި މެގްނީޒިއަމް ގިނައިން ހުރުމަކީ އެކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ މަސައްކަތަށް ބާރުކުޑަކޮށްދޭނެ ކަމެކެވެ. މިއީ ވެސް ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ބާދިރީ ބޭނުންކުރުން އެހީއަކަށްވާނެ ކަމެކެވެ. 


ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ބާދިރީ އަކީ ކަށިތަކުގެ ހެދިބޮޑުވުމަށާއި ކަށިތަކުގެ މަރާމާތަށް ބޭނުންތެރި ބާވަތެކެވެ. ކަށިތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބާދިރީ ބޭނުންކުރުން އެހީއަކަށްވެގެންދަނީ އޭގައި އާދަޔާ ޚިލާފަށް ގިނައިން ފޮސްފަރަސް ހުންނާތީ އެވެ.
މެގްނީޒިއަމް ގިނައިން ހުރުމުން ލިބިދޭ ފައިދާ : ބާދިރީގައި މެގްނީޒިއަމް ގިނައިން ހުރުމުން ލިބިދޭ ފައިދާތަކުގެ ތެރޭގައި، ނޭވާހިއްލާ މީހުންނަށް އަރިދަފުސް ރޯގާގެ އުދަނގޫތައް ކުރިމަތިވާ މިންވަރު ކުޑަވުން، ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތިވާ ނިސްބަތް ދަށްވުން، އަދި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކުރުން : ގޮވާމުގެ ގިނަ ބާވަތްތަކަކީ ކެންސަރުން ރައްކާތެރިވެ ހުރުމަށް ބޭނުންކުރެވިދާނެ ބާވަތްތަކެވެ. އެގޮތުން ކެންސަރުން ރައްކާތެރިވުމަށް ބާދިރީ ބޭނުންކުރުން އެހީއަކަށްވަނީ އޭގައި ގިނަ އަދަދަކަށް މެގްނީޒިއަމް ހުރުމާއި، ފައިޓޯނިއުޓްރިއެންޓް ތައް އެކުލެވިގެންވާތީ އެވެ. 

ބަރުދަން ލުއިކުރުމަށް އެހީތެރިވުން : ބަރުދަން ލުއިކުރުމަށް މަސައްކަތްކުރާ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮށްޖެހުމަކީ ކެއުން ކޮންޓްރޯލް ކުރުމެވެ. ބާދިރީގައި ފައިބަރު ގިނައިން ހުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ފައިބަރު ހުރުމަކީ ކާތަކެތި ހަޖަމުވުން ލަސްކޮށްދީ، ކާތަކެތި ބަނޑުން ގޮހޮރަށް ދިއުން ލަސްކޮށްދޭ ކަމެކެވެ. ފައިބަރު ހުރުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދީ، އަބަދު ބަނޑުފުރިފައި ހުންނަ ހެން ހީވުމުން ކެވޭ މިންވަރު މަދުވެ، މިފަދަ ކާނާ ކެއުމުން ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބިގެން ދެއެވެ. 

ހަކުރު ބަލިން ރައްކާތެރިކޮށްދިނުން : ބާދިރީ އަކީ ހަކުރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ ވަރަށް ފައިދާހުރި ބާވަތެކެވެ. އެއީ އޭގައި ހިމެނޭ ފައިބަރުގެ ސަބަބުންނެވެ. ފައިބަރު ހުރުމަކީ ކާތަކެތި ހަޖަމުވުން ލަސްކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ފައިބަރު ހުރުމުން މިފަދަ ކާތަކެތީގައި ހިމެނޭ ހަކުރު ލޭގެ ތެރެއަށް ދޫކުރަނީ ލަސްލަހުން މަޑުމަޑުންނެވެ. މިހެން މިކަން ދިމާވުމަކީ ހަކުރު ބަލީގެ އަހުލުވެރިންނަށް، ހަކުރު ކޮންޓްރޯލްގައި ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

ސިލިއެކް ޑިޒީޒް ހުންނަ މީހުންނަށް ފައިދާހުރި ބާވަތަކަށްވުން : ސިލިއެކް ޑިޒީޒް އަކީ ކާބޯތަކެތީގައި ހިމެނޭ "ގުލޫޓަން" އާއި ނުގުޅުމުން ކުރިމަތިވާ ބައްޔެކެވެ. މިފަދަ މީހުންނަށް ގުލޫޓަން ހުންނަ ކާތަކެތި ކެއުމުން މައްސަލަތައް ކުރިމަތިވާނެ އެވެ. ބާދިރީ، ބިންބި، ކުދިބަތް ފާޑުގެ ގޮވާމުގެ ގުލޫޓަން ނުހުރުމަކީ ސިލިއެކް ޑިޒީޒްގެ އަހުލުވެރިންނަށް ރައްކާތެރިކަމާއެކު މިފަދަ ގޮވާމުގެ ބާވަތްތައް ބޭނުންކުރެވޭނެ ކަމުގެ ހެއްކެކެވެ. 

ލޭގައި ސަރުބީގެ މިންވަރު ދަށްކުރުން : ލޭގައި ސަރުބީ ގިނަ މީހުންނަށް ވަރަށް ގިނަ ފަހަރު ބާދިރީ ކެއުމަށް ލަފާ ދެއެވެ. ބާދިރީގައި ހިމެނޭ ފައިޓިކް އެސިޑް އަކީ ކޮލެސްޓްރޯލް މެޓަބޮލިޒަމް ހަލުވިކޮށްދީ، ކޮލެސްޓްރޯލްގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. 

ފިތުހިލައިން ރައްކާތެރިކޮށްދިނުން : ބާދިރީ، ކުދިބަތް ފަދަ ގޮވާމުގެ ބާވަތްތަކަކީ ފިތުހިލައިން ރައްކާތެރިކޮށްދޭ ބާވަތްތަކެއްކަމަށް ވަނީ ބެލެވިފައެވެ. އެއީ މިފަދަ ގޮވާމުގެ ބާވަތްތަކުގައި ހިމެނޭ ފައިބަރުގެ ސަބަބުން، ފިތުހިލަ އުފެދުމަށް މަގުފަހިވާ ކަމެއްކަމުގައިވާ އާދަޔާ ޚިލާފަށް ގިނައިން ބައިލްދޫކުރުން ކުޑަކޮށް، އެކަމަށް ފައިބަރުގެ ސަބަބުން ހުރަސްއަޅާތީ އެވެ. 

މައުލޫމާތު :

No comments:

Post a Comment