Wednesday, May 27, 2015

ބާރުލީ



ބާރުލީ
ބާރުލީ އަކީ ހިމަގޮދަނެވެ. މިއީ ގޮވާމުގެބާވަތެކެވެ. ހިމަގޮދަނަކީވަރަށްގިނައިންޖަނަވާރުތަކަށްކާންދިނުމަށްވެސްބޭނުންކުރާއެއްޗެކެވެ. އާންމުގޮތެއްގައިޕާން،ފާރޮށިފަދަތަކެތިތައްޔާރުކުރުމަށްހިމަގޮދަނުގެފުށްބޭނުންކުރެއެވެ.މީގެއިތުރުންތަފާތުވައްތަރުގެފިނިބުއިންތައްދަޅުގައިތައްޔާރުކުރާއިރުހިމަގޮދަންބޭނުންކޮށްފައިހުރެއެވެ.
ދިވެހި ނަން : ބާރުލީ / ހިމަގޮދަން
އިގިރޭސި ނަން : Barley
ޢިލްމީ ނަން : Hordeumvulgare
ބާރުލީގެ ކޮންމެ 100 ގުރާމުގައި
ހަކަތަ
352 ކިލޯކެލަރީ
ކާބޯހައިޑްރޭޓް
77.7 ގްރާމް
ޕްރޮޓީން
9.9 ގްރާމް
ފެޓް
1.2 ގްރާމް
ފައިބަރު
15.6 ގްރާމް
ނިއެސިން
4.604 މިލިގްރާމް
ރައިބޯފްލޭވިން
0.114 މިލިގްރާމް
ތިއެމިން
0.191 މިލިގްރާމް
ޕެންތޯނިކް އެސިޑް
0.282 މިލިގްރާމް
ޕައިރިޑޮކްސިން
0.26 މިލިގްރާމް
ފޮލިކް އެސިޑް
23 މައިކްރޯގްރާމް
ވިޓަމިން ކޭ
2.2 މައިކްރޯގްރާމް
ސޯޑިއަމް
9 މިލިގްރާމް
ޕޮޓޭސިއަމް
280 މިލިގްރާމް
ކެލްސިއަމް
29 މިލިގްރާމް
ދަގަނޑު
2.5 މިލިގްރާމް
މެގްނީޒިއަމް
79 މިލިގްރާމް
ފޮސްފަރަސް
115 މިލިގްރާމް
ޒިންކު
2.13 މިލިގްރާމް
މެންގަނީޒް
1.322 މިލިގްރާމް
ބީޓާ ކެރޮޓީން
13 މައިކްރޯގްރާމް
ލޫޓިން ޒިއެޒެންތިން
160 މައިކްރޯގްރާމް

ބާރުލީ އިން ލިއްބައިދޭ ބައެއް ޞިއްޙީ ފައިދާތައް
ގޮހޮރުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ބާރުލީ އަކީ ހަށިގަނޑު ވިހަތަކުން ދުރުކޮށްދިނުމުގައި އެހީތެރިވެދޭ ފައިބަރު ގެ ރަގަޅު މަޞްދަރެކެވެ. ބާރުލީގައި ހިމެނޭ ފައިބަރަކީ ގޮހޮރުގައި ހުންނަ ރަގަޅު ބެކްޓީރިޔާތަކަށް ހަކަތަ ފޯރުކޮށްދޭ މާއްދާ އެކެވެ. ގޮހޮރުގައި ހުންނަ ރަގަޅު ބެކްޓީރިޔާތައް، ބާރުލީގައި ހުންނަ ފައިބަރުތައް ރާމާކޮށްލައެވެ. މިގޮތަށް ފައިބަރު ރާމާވުމުން "ބިޔުޓައިރިކް އެސިޑް" އުފެދެއެވެ. މިއީ ކުޑަ ގޮހޮރުގައި ހުންނަ ސެލްތަކުގެ އަސާސީ ހަކަތަ އެވެ. ފައިބަރުގެ ސަބަބުން ގޮހޮރުގައި ބޮޑުކަމު ނަޖިސް ހަރުލާފައި ހުރުން ކުޑަކޮށްދީ، ބަނޑު ސާފުކޮށް ދެއެވެ. އެހެން ކަމުން ބާރުލީ އަކީ ފުރަގަސް ފަރާތު ބައްޔާއި، ގޮހޮރުގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ބާވަތެކެވެ. 


ފިތުހިލައިން ރައްކާތެރިކޮށްދިނުން : ބާރުލީއަކީ އަންހެނުންގެ ހަށިގަނޑުގައި ފިތުހިލަ އުފެދުން ކުޑަކުރުމަށް އެހީތެރިވެދޭ ބާވަތެކެވެ. ބާރުލީގައި ހުންނަ ފައިބަރުގެ ސަބަބުން ބައިލް އެސިޑް ދޫކުރުން މަދުކޮށްދީ، އިންސިއުލިންގެ ނާޒުކަން އިތުރުކޮށްދީ، ލޭގައި ހިމެނޭ ސަރުބީގެ ވައްތަރެއް ކަމުގައި "ޓްރައިގްލައިސެރައިޑް" ގެ މިންވަރު ދަށްކޮށްދެއެވެ. އެމެރިކާގައި ހަދާފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ފައިބަރު ހުންނަ ކާނާ ބޭނުންކުރާ އަންހެނުންނަށް ފިތުހިލަ އުފެދުމުގެ ފުރުޞަތު، ފައިބަރު ހުންނަ ކާނާ ބޭނުންނުކުރާ މީހުންނަށްވުރެ %17 ކުޑައެވެ. 

ކަށިފީވުމުން ރައްކާތެރިކޮށްދިނުން : ބާރުލީގައި ހުންނަ ފޮސްފަރަސް، އަދި ކޮޕަރ ގެ ސަބަބުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށް ދެއެވެ. ބާރުލީގައި ހިމެނޭ ފޮސްފަރަސް އަކީ ކަށިތަކާއި، ދަތްތަކުގައި އުފެދޭ ޒަޚަމްތައް ފޫބެއްދުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. ކަށިފީވުން ކުރިމަތިވެފައިވާނަމަ ގަވާޢިދުން ބާރުލީ ބޭނުންކުރެވިދާނެ އެވެ. މީގެ އިތުރުން ބާރުލީގައި ކެލްސިއަމް، މެންގަނީޒް، އަދި ވިޓަމިންބީގެ ވައްތަރުތައް ހުރުމަކީ ވެސް ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަންކަމެވެ. 

ދިފާޢީ ބާރު ރަގަޅު ކޮށްދިނުން : ބާރުލީގައި ވިޓަމިން ސީ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާޢީ ބާރު ރަގަޅުކޮށްދޭ މާއްދާ އެކެވެ. އޭގެ ސަބަބުން އަރިދަފުސް ރޯގާ ފަދަ ގައިންގަޔަށްއަރާ ބަލިތަކުން ދުރުކޮށްދެއެވެ. 

ހަމުގެ ވާންކަން ދެމެހެއްޓުން : ބާރުލީ އަކީ ސިލެނިއަމްގެ ރަގަޅު މަޞްދަރެކެވެ. ސިލެނިއަމް އަކީ ހަމުގެ ވާންކަން ދެމެހެއްޓުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ފްރީ ރެޑިކަލް ތަކުގެ ސަބަބުން ހަމަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ހަންދޫވެ، ހަމުގައި ރޫޖެހުން ކުޑަކޮށްދެއެވެ. ސިލެނިއަމް ހަށިގަނޑުގައި މަދުވުމަކީ ހަން، ގޮހޮރު، ފުރަމޭ، ޕްރޮސްޓޭޓް ގްލޭންޑް، ބަނޑު އަދި އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ކަމެކެވެ. 

ލޭގައި ސަރުބީގެ މިންވަރު ކޮންޓްރޯލްކޮށްދިނުން :ބާރުލީގައި ހުންނަ ފައިބަރުން "ޕްރޯޕިއަނިކް އެސިޑް" އުފައްދައެވެ. މިއެސިޑަކީ ލޭގެ ސަރުބީގެ މިންވަރު ދަށުގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ބާރުލީގައި ފައިބަރު ގިނައިން ހުރުމާއި، ފެޓު މަދުން ހުރުމާއި، ކޮލެސްޓްރޯލް (ސަރުބީ) އެއްވެސް ވަރަކަށް ނުހުރުމަކީ ބާރުލީ ކެއުމަށް ޞިއްހީ ދާއިރާގެ މާހިރުން ބާރުއަޅުއްވާ މައިގަނޑު ސަބަބެވެ. ގޮހޮރުގެ ބަތާނަ ފަށުން ކާނާގައި ހިމެނޭ ސަރުބީ ހަށިގަނޑަށް ނަގާ މިންވަރު ބާރުލީގައި ހިމެނޭ ބީޓާ ގުލޫކަން ފައިބަރުގެ ސަބަބުން ދަށްކޮށް ދެއެވެ. ބީޓާ ގުލޫކަން ފައިބަރު ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ ހަށިގަނޑުގައި ނުރަގަޅު ކޮލެސްޓްރޯލް އަދި މުޅި ހަށިގަނޑުގައި ހުންނަ ޖުމުލަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. 

ހަކުރު ބަލި ކޮންޓްރޯލްކޮށްދިނުން : ބާރުލީ އަކީ ހަކުރު ބަލި ހުންނަ މީހުންނަށް ވެސް ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. އެއީ ބާރުލީގައި ފައިބަރު ގިނައިން ހުންނާތީ އެވެ. ބާރުލީގައި މުހިއްމު ވިޓަމިންތަކާއި، މައުދަންތައް ހުރެއެވެ. ޚާއްޞަކޮށް "ބީޓާ ގުލޫކަން" ކިޔާ ފެނަށްގިރޭ ފައިބަރުގެ ވައްތަރެއް ހުރެއެވެ. މިއީ ގުލްކޯޒު (ހަކުރު) ހަށިގަނޑަށް ނެގުން މަދުކޮށްދޭ މާއްދާ އެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ބާރުލީ ބޭނުންކުރުމަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. 

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން : ބާރުލީގައި ފައިޓޯނިއުޓްރިއެންޓްގެ ވައްތަރެއް ކަމުގައިވާ "ޕްލާންޓް ލިގްނަން" ހުރެއެވެ. އިންސާނުންގެ ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިޔާތަކުގެ އެހީތެރިގައި ބާރުލީގައި ހުންނަ ޕްލާންޓް ލިގްނަން ތައް "މެމާލިއަން ލިގްނަން" އަށް ބަދަލުކޮށްލައެވެ. މިގޮތުން އުފެދޭ ލިގްނަންގެ އެއްވައްތަރަކީ "އެންޓީރޯ ލެކްޓޯން" އެވެ. މިއީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ބާރުލީ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ ކަމެކެވެ. 

ލޭހޮޅިތައް ބެދުމާއި، ލޭހޮޅިތައް ހަރުއެރުމުން ރައްކާތެރިކޮށްދިނުން : ލޭހޮޅިތައް ހަރުއެރުމަކީ ގަނޑުލޭކޮޅު އުފެދުމުގެ ސަބަބުން، ނުވަތަ ލޭހޮޅީގެ އެތެރޭގައި ސަރުބީ ޖަމާވެ ހަރުލުމުގެ ސަބަބުން ލޭހޮޅި ބެދޭ ހާލަތެކެވެ. ބާރުލީގައި ހުންނަ ވިޓަމިންބީގެ ވައްތަރެއް ކަމުގައިވާ ނިއެސިންގެ ސަބަބުން، ލޭގައި ކޮލެސްޓްރޯލް އާއި، ލިޕޯޕްރޮޓީން ހުންނަ މިންވަރު ދަށްކުރެއެވެ. ލޭމައްޗަށްދިއުމާއި، ސަރުބީމަތިވުން، އަދި ހިތުގެ ބަލިތައް ފަދަ ގައިންގަޔަށްނާރާ ބަލިތައް ހުންނަ އުމުރުން ދުވަސްވީ އަންހެނުން ބާރުލީ ބޭނުންކުރުމަކީ ވަރަށް ފައިދާހުރި ކަމެކެވެ. 

ކެންސަރުން ރައްކާތެރިކޮށްދިނުން : ބާރުލީގައި ފައިޓޯނިއުޓްރިއެންޓްގެ ވައްތަރެއް ކަމުގައިވާ "ޕްލާންޓް ލިގްނަން" ހުރެއެވެ. އިންސާނުންގެ ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިޔާތަކުގެ އެހީތެރިގައި ބާރުލީގައި ހުންނަ ޕްލާންޓް ލިގްނަން ތައް "މެމާލިއަން ލިގްނަން" އަށް ބަދަލުކޮށްލައެވެ. މިގޮތުން އުފެދޭ ލިގްނަންގެ އެއްވައްތަރަކީ "އެންޓީރޯ ލެކްޓޯން" އެވެ. އަނެއް ވައްތަރަކީ "އެންޓީރޯޑިއޯލް" މިއީ ތަފާތު ވައްތަރުގެ ތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. އެގޮތުން ބާރުލީ ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ބާރުލީގައި ފައިބަރު ގިނައިން ހުރުމަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

މައުލޫމާތު :

No comments:

Post a Comment